ރިޔާސީ ވަޢުދު
ރިޔާސީ
ވައުދަކީ ކޮންމެ ފަސްއަހަރަކުން އެއްފަހަރު ފަހަކަށްއައިސް އިވެމުންދާ އަޑެކެވެ.
ރިޔާސީ ވައުދުގެ ގޮތުގައި އެންމެ ކުދިކަންތަކުން ފެށިގެން ބޮޑެތި ކަންތައްތައްވެސް
ކޮށްދިނުމަށް ވައުދުވެއެވެ. އެ ވައުދާއެކު މިވެނިކަމެއް މިވެނި ގޮތަކަށް
ހަމަޖެހުނިއްޔާއޭ ވަޢުދު ފުއްދޭނީ މިހެންކިޔައިގެން ވައުދުވާ އަޑެއް ނާހަމެވެ.
އެކަމަކު މިފަހަރު އެއަޑުއައީ މަޖިލިސް އިންތިޚާބު ކެންޕޭނު ތެރެއިންނެވެ. ރައީސަކަށް
ކުރިމަތިލައްވާ ބޭފުޅަކަށް ހަމައެކަނި މަގުސަދަކަށް ވެފައި އޮންނަނީ ރިޔާސީ
އިންތިޚާބު ކާމިޔާބުވުމެވެ.
އެހެންނަމަވެސް
2018 ވަނައަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުން ބޮޑު ކާމިޔާބީއެއް ރައީސް ސޯލިހަށް
ލިބުމާއެކު ދެން އިވެމުން ދިޔައީ 2019
ވަނަ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ރައީސް ހިމެނޭ ޕާޓީއަށް
މަޖިލީހުގެ މެޖޯރިޓީ ލިބިގެންނޭ ތިމަން މަނިކުފާނު ވެފައިހުރި ވައުދުތައް ފުއްދޭނީ
މި މޭރުމުން އެމަނިކުފާނު ރަށްރަށް ކުރައްވާ ދަތުރުފުޅު ތަކުގައި ވާހަކަފުޅު
ދައްކަވަމުން ގެންދެވި އަޑެވެ. އޭގެ ނަތިޖާއެއްގެ ގޮތުން ރައްޔިތުން އެއޮތީ
އެކަންވެސް ރައީސަށް ފަސޭހަވާގޮތަށް ނިންމައި ދީފައެވެ.
ދަންނަވަން
މިއުޅެނީ ރައްޔިތުން، ގައުމުގެ ރައީސަކު އިންތިހާބު ކުރަނީ ވަރަށް ފޮނި
އުއްމީދެއްގައޭ. ރަށުގެ ތަރައްޤީއާއި ގައުމުގެ ކުރިއެރުމަށޭ. އެހެންވީމާ ވަކި
ޝަރުތެއް ރައްޔިތުންނަށް ކުރިމަތި ކުރުވައިގެން ނޫނޭ ގައުމު ތަރައްޤީ
ކުރަންޖެހޭނީ. އެހެންނަމަވެސް ރައްޔިތުން ގަބޫލުކުރަނީ ރައީސް ވިދާޅުވިޔަސް ރަގަޅުކަމެއް
ކަމަށްވާނަމަ އެކަމެއް އެމަގުން ކުރެވޭތޯއެވެ. އެމެޖޯރިޓީވެސް ރައީސް ނިސްބަތްވާ
ޕާޓީއަށް ދިނީއެވެ.
މިހާރު
އަނެއްކާ މުޅިން އާބާބެއް ފަށަންއުޅޭކަމަށް ހީވާން ފަށައިފިއެވެ. އެބާބަކީ މި
ލިބުނު މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ހިއްޕަވައިގެން އެޖެންޑާ 19 އޭ މިކިޔާ އެތި
އޮތްގޮތަށް ބާއްވާފައި ވެރިކަން ހިނގަމުންދާ ނިޒާމާ ކުޅެން އުޅުމެވެ. މިހާރު
މިއޮތީ ރިޔާސީ ނިޒާމެކެވެ. ވެރިކަން ހިންގާ ޕާޓީން ބޭނުންވަނީ ބަރުލަމާނީ ނިޒާމަކަށްވާތީ
މި ނިޒާމް ގެނެވޭތޯ ބެލުމެވެ.
ރައީސް
ސޯލިހުގެ ވެރިކަމުގެ ތެރެއިން ވެރިކަން ނުވެއްޓި އެންމެ ފަސޭހައިން ނަޝީދަށް
ވެރިކަން ލިބެން އަންނަނީ ބަރުލަމާނީ ނިޒާމު ގާއިމުކޮށްގެންނެވެ. އޭރުން ރައީސަކީ
ހަމައެކަނި ނަމެއްގައި ހުންނަ މީހަކަށްވެ ބޮޑުވަޒީރުގެ ބާރުގަދަވެ ހަގީގީ ވެރިޔަކީ
ބޮޑުވަޒީރުކަމަށް ވުމެވެ. މިހެން ވެއްޖެނަމަ ވެރިޔަކު ހޮވުމަށް ޒަމާނުއްސުރެ
ރައްޔިތުންނަށް ލިބިފައި އޮތްބާރު ގެއްލި ރައްޔިތުންގެ މަޖިލިހަށް މިބާރު ލިބިގެން
ދިއުމެވެ. މިއީ ބަދަލުކުރަން ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ. ކޮންމެ
ނިޒާމެއްގައިވެސް ބޭނުންވަނީ އިޚްލާސްތެރި ކަމާއެކު މަސައްކަތް ކުރާނެ ބައެކެވެ.