Report

ލޮކްޑައުން ތަޖުރިބާ ކުރެވުނުގޮތް


ކޮވިޑް 19 އާ ގުޅިގެން އަލަށް ތައާރަފުވި '' ލޮކްޑައުން '' މިއީ ބައެއް މީހުންނަށް ވަރަށް ބޮލަށް އުނދަގޫ އަދި އެހާމެ ހިތްދަތި ވޭންހުރި ބަންދެކެވެ. މިއީ ޝަރުޢީ ހުކުމަކާ ލައިގެން ގޭގައި ބަންދުކުރާ މީހުންނަށް ލިބިދޭ މިނިވަންކަމަށް ވުރެ މިނިވަންކަން ހަނިކޮށްފައިވާ ގޭ ބަންދެކެވެ. އެހެންވާނެއެވެ. މިއީ ނުރައްކާތެރި ބައްޔެކެވެ. މިބަލިން ރައްކާތެރި ވުމަށް ހަށުކަށި ފިޔަވަޅު އަޅަންޖެހޭކަން ގަބޫލު ކުރަމެވެ.

މިއީ ނުރައްކާތެރި ކުށްވެރިއަކަށް ނުވެ 14 ދުވަހަށް ކުރެވޭ ބަންދެކެވެ. މި ބަންދުގައި މީހަކާ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނެތެވެ. ގެއިން ބޭރަށް ފިނިކޮށްލަންވެސް ( ގޭގެ އަސްކަންޏާ ހަމައަށް ) ނުނުކުމެވޭ ބަންދެކެވެ. މީހަކާ ބައްދަލު ކުރުން މަނާ ބަންދެކެވެ. އެންމެ ކުޑަމިނުން އަންބި ދަރިންނާވެސް ބައްދަލެއް ނުކުރެވެއެވެ.

ލޮކްޑައުން އަމިއްލައަށް ތަޖުރިބާކުރި ބައެއްމީހުންނަށް ފޫހިކަން ގެނުވިނަމަވެސް އަނެއްބަޔަކަށް ވަނީ ވަރަށް މޮޅަށް ކައްކަން ދަސްކޮށް ގޭތެރޭގެ މަސައްކަތް ހަމައަކަށް އަޅުވާލަން ލިބުނު ފުރުސަތެއްކަމަށެވެ. އެހެން އެވަނީ އެކަކަށްވުރެ ގިނައިން ލޮކްޑައުންގައި އުޅެންޖެހުމުންކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް އުސޫލާ އެއްގޮތަށް ލޮކްޑައުންގައި އެކަނި ހުންނަން ވެއްޖެނަމަ ބޯގޮވާފާނެއެވެ. އެއީ ތަޖުރިބާ ކުރެވުނު ކަމެކެވެ. ތަފާތު ޚިޔާލުތައް ވެރިވެއެވެ. ބައެއްފަހަރު ބައްޔާމެދު ފިކުރު ކުރެވި ކިހިނެއްވާނެބާއޭ ހިތައް އަރައެވެ. ހުންވައްތަރު ވާހެން ހީވެއެވެ. މިކަމުގެ ހައްލު ލިބެންއޮތީ ދީނުގައި އަންގަވާފައިވާ ގޮތަށް ނަމާދުކޮށް ޤްރުއާން ކިޔަވައި ދުއާކުރުމުންނެވެ.

ލޮކްޑައުންގައި ދެން ފާހަގަކުރެވުނީ އަވަހަށް ބަޑުހައި ވުމާއި އަވަސް އަވަހަށް ފެން ބޯން މަޖުބޫރުވުމެވެ. އަނގަހިއްކުމާއި ނުނިދުންވެސް ދިމާވާނެއެވެ. މިކަމުގެ ހައްލުއޮތީ ގަޑިން ގަޑިއަށް ކާ އެތިކޮޅު ގެންނަމީހާ އެކަން ކޮށްދިނުމުގައި އެހީތެރިވެގެންނެވެ. އެހެންނޫނީ މިއީ ފަހުގެ ތާރީޚެއްގައި ތަޖުރިބާ ކުރެވުނު ވޭންހުރި ބަންދެކެވެ. މިބަންދު 10 ދުވަހަށް ކުރުކޮށްލެވޭނެ ގޮތެއް ކަމާބެހޭ ފަރާތްތަކުން ހޯދުމަކީ މުހިންމު ކަމެކެވެ.

 ކޮވިޑް ނުޖެހުނު ނަމަވެސް ނުވަތަ އަލާމާތް ނެތްނަމަވެސް މި ބަންދަކީ ނަފްސާނީ ގޮތުން ބަލިކޮށްލާ ބަންދެކެވެ. މި ބަންދާމެދު ގޮތެއް ނިންމުން އޮތީ ރާއްޖޭގެ ސިއްހީ ދާއިރާގެ އިސްބޭފުޅުންގެ އަތްމަތީގައެވެ. ކޯޓްގެ ގާޒީއަކަށް މި ބަންދާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރެއް ނެތެވެ. ސާދަ ދުވަހުގެ ފަހުންވެސް ޕޮޒިޓިވް ވުމަކީ ލޮކްޑައުންގެ މުއްދަތު ކުޑަކުރަން އޮތް ހުރަހެކެވެ.