އަތޮޅު ފިހާރަތައް ވުޖޫދަށް އައިގޮތުގެ
ފެށުން
އަތޮޅު ފިހާރަތައް މިހާރު ހެދިފައިވާ ބިމަކީ އަތިރި މާފަންނުގެ ހުޅަނގުން ގޮނޑޮދޮށަށް އޮންނަ އާބުރުޒުހިނގުމުގެ ހުޅަނގަށް ހަވީރީހިނގުމުގެ ގޮނޑުދޮށަށް އޮންނަ ބިމެވެ. މިބިމާ ގޮނޑުދޮށާ ދެމެދި އެކަށީގެންވާ ފުޅައުމިނެއް ނުހުރެއެވެ. ފެށޭތާ ހުންނަނީ ބުރުޒެވެ. މިއީ ވަރަށް ފުޅާކޮށް އުސްކޮށް ހަދާފައިވާ ބިނާއެކެވެ. މިބިމުގެ އެކި ހިސާބުގައި އޮޑިހަރުގެއާއި ބަކަރި ކޮށިތައް ހުރެއެވެ. މިއީތަފާތު ވިނަފަޅާ ހަޑިކޮށް އޮންނަ ސަރަހައްދެކެވެ.
އަތޮޅު ފިހާރަ ބިންހިއްކުން ފުރަތަމަ ހަމަޖެހިގެން ދިޔައީ އެއަތޮޅެއްގެ ފިހާރައަށް ބޭނުންވާ ބިން އެއަތޮޅަކުން ހިއްކާގޮތަށެވެ. މަސައްކަތް ކުރާނެ މީހުން ހޯދަންމިޖެހެނީ އެއަތޮޅަކުންނެވެ. ސަރުކާރުން ދެއްވީ އެބިމަށް އަޅާނެ ތަކެއްޗެވެ. ބައެއް ފިހާރައިން ފުރަތަމަ ޖެހުނީ ބުރުޒުތައް ތަޅާލައި އެދިމާލުން މޫދަށް އަޅާށެވެ. މަސައްކަތްކުރަނީ ފަޅު އޮޑިފަހަރުގެ މީހުންނާއި މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ ހެޔޮއެދޭ ދަރިންނެވެ.
ތަކެތި އުފުލާނެ ލޮރީ ހޯދަނީ އެކިފަރާތުން ކުއްޔަށެވެ. މަސައްކަތްކުރާ މީހުންނަށް ލިބޭ އުޖޫރައަކީ ހެޔޮއެދޭ މީހުންދޭ ބުއިންތަކާއި ކެއުންތަކެވެ. މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައްޔިތުންގެ މަޖިލީހުގެ އަތޮޅު މެންބަރުންނާއި އަތޮޅު ފިހާރައިގެ ދެމެނޭޖަރުންނާއި މުވައްޒަފުންނެވެ. އަތޮޅު ފިހާރަތަކުގެ ބިން ހިއްކުމަށް އެޅި މައިގަނޑު ތަކެއްޗަކީ ބޮޑުގަނޑުވަރު ފިޔަވާ އެގޯތީގައި ބިނާކޮށްފައިވާ ގެތަކެތުގެ ފާރުތަކާއި މަގުތަކުގެ ފާރުތަކުގެ ތަކެއްޗެވެ. މިމަސައްކަތް ގައުމީ މަސައްކަތެއްގެ ގޮތުގައިކޮށް ވަރަށް އަވަހަށް ނިންމާލެވުނެވެ. އަތޮޅު ފިހާރަތަކުގެ ބިމުން ދެބައިކުޅަ އެއްބައި އަމިއްލަ ވާނެކަމަށް ހިއްކަން ފެށުނުއިރު ހީކުރެވުނު ނަމަވެސް އެކަމެއް ނުވެއެވެ. އޭރު މާލެއިން ގޯތި ހިއްކި މީހުންނަށް ދެބައިކުޅަ އެއްބައި ލިބުނެވެ.
މިހާރު އަތޮޅު ފިހާރަ ހުރި ބިމާއި އޭރުގެ މެރިން ޑްރައިވްގެ ބޮޑުބައެއް އެއީ އަތޮޅު ރައްޔިތުން ހިއްކި ބިމުގައި ހިމެނޭ ސަރަހައްދެވެ.