Sunday, March 6, 2022

Minikaavagu kaadhinas olheh nuvaane.


 
 
ހިންދުކަރައިގެ ކޮންމެވެސް ރަށެއްގައި އުޅުނު ވަރަށްފަގީރު ދެމަފިރިއެކެވެ. ދެމަފިރިންނަށް ލިބިފައިހުރި ދިހަބާރަ އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. ބައްޕަގެ މަސައްކަތަކީ ކުނބުރާންކޮށުމެވެ. ޖަންގަލީގެ ވަލުތެރެއަށްވަދެ ދަރުކޮށައިގެންނެރެ ދަރު ވިއްކައިގެން ލިބުނު އެއްޗެެއް ކައި އުޅެއެވެ. ވަރަށް ފަގީރުނަމަވެސް ފުދުންތެރި ދިރިއުޅުމެއް އޭގެ ދެމަފިރިންނާއި ކުނބުރާންގޮވިކޮއި ހޭދަކުރަމުން ގެންދެއެވެ. ދުވަސްކޮޅެއްވީފަހުން އެހީތެރިއެއްގެ ގޮތުގައި ކުއްޖާ ގެންދާން ފަށައިފިއެވެ
 
މިގޮތުގައި ދެބަފައިން މަސައްކަތްކުރަމުން ގެންދިޔަ ދުވަސްވަރުގެ ތެރެއިން ދުވަހެއްގެ މެންދުރުވަގުތުގައި، މަސައްކަތުގެ ވަރުބަލި ފިލުވައިލާން ގަހެއްގެ ހިޔަލުގައި ބައްޕަ އޮށޯވެލައިގެން އޮތެވެ. ކުއްޖާ ވަލުތެރޭގެ އެކި ދިމަދިމާއަށް ހިގަމުން ދޭތެރެ ދޭތެރެއަށް ބޯ ކޮއްޕަމުންދެއެވެ. ފޫހިފިލުވާލުމުގެ ގޮތުންނެވެ
 
މިހެންގޮސްގޮސްހުއްޓާ ގަސްތަކުގެ ތެރެއިން ހާއްޔެއްކަހަލަ ދޭތެރެއެއް ހާވާލާފައި ވަރަށްރީތި ޖަނަވާރެއް ނިކުމެއްޖެއެވެ. އެންމެ އެއްކަހަލައީ ބުޅަލަކާއެވެ. ނަމަވެސް މޫނަށް ބަލާލިއިރު ބުޅަކަށްވުރެ ތަންކޮޅެއް ބޮޑުކަމަށް ދައްކައެވެ
 ކުއްޖާ ބަލާކަށް ނުހުރެ ނަގައި ކޮނޑަށްލައިގެން ފިރުމަމުން އުފަލުން އައިސް ބައްޕާހަމައަށް އައިމާ ބައްޕަ ބުންޏެވެ. ''ތިޔައީ މިނިކާވަގެއްގެ ޅައެއްޗެކެވެ. ތިޔައޮތްތާކަށް އަވަހަށް ގެންގޮސްލާށެވެ!.!'' ނަމަވެސް ހެއްލުންތެރިވެފައިހުރި ކުއްޖާ އެބަހެއް ނޭހިއެވެ. 
 
ކުޑަކުޑަ ޅަވަގު ގެއަށްގެނެސް ތަންމައްޗެއް ހަދައި އެތާ ބާއްވައިގެން ފުޅިއަކުން ކިރުބޯންދީ ހޭހަންކުރަމުން ގެންދިޔައެވެ. ދުވަހެއް ދުވަހަކަށްވުރެ ވަގު ބޮޑުވަމުން އައުދެއެވެ. އިސްކޮޅު ބޮޑުވީވީހެން ގުދުރަތުން މިނިކާވަގުގައި ލައްވާފައިވާ ގޮތްތައް ބޮޑުވަމުން އާދެއެވެ. ދަތްތައް ބޮޑެތިވެ ދަތް ތޫނުވާން ފަށަފިއެވެ. މީހުން ފެނުނީމާ ކަޅިއަޅައި ލޯ ބޮޑުކޮށް ދަތްތައް ދައްކައިހަދަން ފަށައިފިއެވެ. ހަނދުވަރު މޫސުމަށް ހަރަކާތްތައް އަވަސްވެ ހިމޭނުން ނޯވެވިގެންއުޅޭން ފަށައިފިއެވެ
 
ވަމުން އަންނަގޮތް ދެކޭން އެގޮތުގެމައްޗަށް ވިސްނާން ކުއްޖާގެ ބައްޕަހުރެއެވެ. ވަޒަންލައި ތައްޔާރުކޮށްފައި އޮންނަ ބަޑިއެއް އަބަދުވެސް އަތްފޯރާފަށުގައި އޮވެއެވެ. ކުއްޖާހުންނަނީ ހެއްލުންތެރިވެފައެވެ. ތަންތަނުން މަސް ހޯދައިގެން ގެނެސް އަތުން އަނގައަށްލައްވާ ކާންދެއެވެ. ގައިގާ އަތްއުނގުޅައި ފިރުމައި ހަދައެވެ

މިހެން އުޅުމުގެތެރޭގައި އެއްދުވަހަކު ކުއްޖާ ބޭރުން އަންނަމުން ގެނައިމަސް ތަށްޓަކަށް އަޅައި ގާތްކޮށްލުމުން އެއަކާގާތެއް ނުވިއެވެ. ޒާތަކަށް ބަލަލައިފައި ބަނޑުޖަހައިގެން އެއޮއްގޮތަށް ދެލޯމަރައިގެން އޮވެއްޖެއެވެ
 
 ކުޑައިރުކޮޅަކު އޮތުމަށްފަހު ލޯ ހުޅުވައިލިއެވެ. ދެލޯ ބޮޑުކޮށްލިއެވެ. އޭރު ދެލޯ ހީވަނީ ދެކިބަކާށިހެންނެވެ. ދެބުމަ ގާތްކޮށްލައި މޫނަށް ރޫއަރުވާލިއެވެ. މީދަލަކާ ދިމާލަށް ފުންމައިގަންނާން އުޅޭ ބުޅަލެއް ގެންނަފަދަ ހަރަކާތަކަށްފަހު ކުއްޖާ ދިމާއަށް ބަލައިލިއެވެ. ދެންފުންމާގެންފާނެކަމަށް ބައްޕައަށް ފެނުމާއެކު ބަޑިނަގާ އަމާޒުކޮށް ވަގުގެ ބޮލަށް އުންޑައެއް ޖެހުމާއެކު ވަގުއޮތީ އުއްޑުންވެ މަރުވެފައެވެ. އޭރުކުއްޖާ ބިރުން ތުރުތުރުއަޅައި ހިރިލާން ނުކެރިފައި ހުއްޓެވެ. އެހެންހުއްޓައި ބައްޕަ އެބަބުނެއެވެ. ދަރިފުޅާއޭ! މިނިކާވަގަކަށް ކާންދޭކަށް ނުވާނެއެވެ. އޭތި ބޮޑުވެގެން އައިސް ކާންދިން އަތުގައި ދަތްއަޅާނެއެވެ. މިނިކާވަގެއްވާނީ މިނިކާ ވަގަކަށެވެ. ގުދުރަތުން އޭގައި ލައްވާފައިގޮތްތައް ބަދަލެއް ނުވާނެއެވެ. އެކަން ހަނދާންކުރާށެވެ.