Vaahaka

ވިނަގަސް



ވަރަށް ރީތި ބަގީޗާއެކެވެ. ބަގީޗާގައި ތަފާތު ބާވަތް ބާވަތުގެ ގަސްގަހާގެހި ހައްދާފައި ހުއްޓެވެ. ހިޔާދޭ ބޮޑެތި ގަސްގަހާއި މޭވާއަޅާ ގަސްގަހެވެ. މާގަސްގަހާއި ރީތި ބާވަތް ބާވަތުގެ ބަގީޗާ ގަސްގަހެވެ. ގަސްތަކަށް ފެންދީ ބަގީޗާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ވަރަށްގިނަ މީހުން އުޅެއެވެ. މިމީހުން، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަން ބޮޑުކަމުން އެބަގީޗާ އަބަދުވެސް އޮންނަނީ ވަރަށް ސާފުކޮށެވެ. ވަރަށް ރީތިކޮށެވެ. 

ބަގީޗާގައި ހައްދާ ގަސްގަސް ފިޔަވައި އަމިއްލައަށް ފަޅައިގެން ހެދޭ ބާވަތުގެ ވިނަގަހެއްހައި ހިސާބުވެސް ބަގީޗާގެ ތެރެއަކު ފެންނާކަށް ނުހުރެއެވެ.

އެއްދުވަހަކު ބަގީޗާގައި ހުރި އަނބުގަހެއްގެ ބުޑުން ވިނަގަހެއް ބިމުން މައްޗަށް ސިއްރު ސިއްރުން ބޯ ދިއްކޮށްލިއެވެ. އެއަށްފަހު ވަށައިގެން ހޯދައި ބަލައިލިއެވެ. ބަގީޗާ ބަލަހައްޓާ މީހުންގެ ތެރެއިން މީހަކު ފެންނަންހުރިތޯއެވެ. އެކަކުވެސް އެއިން ހިސާބެއްގައި ފެންނަން ނެތުމުން ރަގަޅަށް ހިންދެމިލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އެކަމަކު ހަމަ ކުޑައިރުކޮޅެއްގެ ތެރޭގައި ވިނަގަހުގެ މޫނުމަތީގައި ހުރި އުފާވެރިކަން ހިތާމަވެރިކަމަށް ބަދަލުވިއެވެ.

ވިނަގަހުގެ ހިތަށް އެރިއެވެ. އަހަރެމެންގެ އާއިލާ މިއީ ވަރަށް ބަދުނަސީބު އާއިލާއެކެވެ. އަބަދުވެސް އުޅެން މިޖެހެނީ ފިލަފިލައިގެންނެވެ. ބަގީޗާ ބަލަހައްޓާ މީހަކަށް ފެނިއްޖެއްޔާ އެދެން އަޖަލު ޖެހުނީއެވެ. އަހަރެންގެ އެއްބަޑު ތިމާގެ މީހުންގެ ތެރެއިންވެސް ގިނަމީހުން މިހާރުވަނީ ބަގީޗާ ބަލަހައްޓާ މީހުންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައެވެ. އަހަންނަކަށްވެސް މިގޮތަށް ހަމަޖެހިލައިގެން މާގިނަ އިރަކު ނުހުރެވޭނެއެވެ. 

އަބަދަކު ފިލަފިލައިގެނެއްވެސް ނޫޅެވޭނެއެވެ. ބަގީޗާ ބަލަހައްޓާ މީހަކު މިވަގުތު ފެންނަން ނެތަސް އިސާހިތަކު އެމީހުން އަހަރެން ހޯދާނެއެވެ. މިހެން ހިތައް އެރުމާއެކު ވިނަގަހަށް ރޮވިއްޖެއެވެ. އެވަގުތު އަނބުގަސް ވިނަގަހާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. ތިޔަރޮނީ ކޮންކަމާހޭ ؟ ވިނަގަސް ޖަވާބު ދިނެވެ. މިރޮނީ އަހަރެމެންނަށް އުޅެންޖެހިފައިވާ ނިކަމެތި ހާލާމެދުގައެވެ. ކަލޭމެންނާ އަރެމެންނަކީ އެއްދަރިކޮޅަކުން އައިސްތިބި އެއެއްބައެކެވެ. އެކަމަކު އަހަރެމެންގެ ޢާއިލާއަށް އުޅެންޖެހިފައި މިވަނީ ފިލައިގެންނެވެ.

ބިމުންމައްޗަށް ބޯ ދިއްކޮށްލަން މިޖެހެނީ ޖެހިލުންވެ ތިބެގެންނެވެ. އިންސާނުން ކަލޭމެންދެކެ ލޯބިވާހާ ބޮޑަށް އަހަރެމެންދެކެ ރުޅި އަރައެވެ. ކަލޭމެންނަށް ކާންދީ ފެންދީ ދުނިޔޭގައި ބައިތިއްބަން މަސައްކަތް ކުރެއެވެ. އަހަރެމެންނަށް ކާއެތިކޮޅެއް ފެންފޮދެއް ނުދޭތާގައި ކެލޭމެންނަށްދޭ ކާނާއާއި ފެނުން އެތިކޮޅެއް ބޭނުންކޮށްފާނެތީ އަހަރެމެން މަރައި ހުސްކުރެއެވެ. ޖަނަވާރެއް ކަލޭމެންނާ ކައިރިވިޔަސް އެޖަނަވާރަކަށް ހާނިއްކަކޮށް ތަޅައި ދުރައްލައެވެ. އެކަމަކު ޖަނާވާރެއް އައިސް އަހަރެމެން ކައިލިޔަސް އަޅައިނުލާ ތާގައި އަހަރެމެން އުފުރާލާފައި ޖަނަވާރަށް ކާންދެނީއެވެ. އަހަންނަށް މިރޮވެނީ މިކަންކަން ހިތައް އަރައިފައެވެ.

ބޭބެއެވެ. އަޅެބުނެބަލާށެވެ. އިންސާނުން އަހަރެމެންދެކެ އެހައި ރުޅި އަންނަނީ ކީއްވެގެން ހެއްޔެވެ. އަހަރެމެންނާ ބޭބެމެންނާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ. ؟


                      ނުނިމޭ..........