ދިއްދޫ ކައުންސިލުން މާލެ ދަތުރެއްކޮށްފިއެވެ. ބޭނުމަކީ ދިއްދުއަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަތައް ސަރުކާރުގެ ވެރިންނަށް ހިއްސާ ކުރުމާއި ކުރިމަގުގައި ދިއްދުއަށް ސިދާވާން ހުރި ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ އޮފީސްތަކުގެ ވެރިންގެ ގާތުން އޮޅުން ފިލުވުމެވެ.
މާލެދިޔަ ޓީމުގައި ކައުންސިލްގެ ރައީސް ނައިބު ރައީސް އަދި ގިނަ މެންބަރުން ހިމެނޭގޮތަށް ގާތްގަޑަކަށް ހައެއްކަ ބޭފުޅުން ހިމެނެއެވެ. މި ދަތުރު ކޮށްފައިވަނީ ކައުންސިލްގެ ޚަރަދުގައެވެ. މި ބޭފުޅުންގެ ދެކޮޅު ޓިކެޓާއި މާލޭގައި ހުރުމާއި ކެއުމާއި ދަތުރު ޚަރަދެވެ. މި ދަތުރުގެ އަގު ހާހުން ދިހަހާހުން ގުނާލެވޭ އަދަދަކަށް ވެދާނެއެވެ.
ސުވާލަކީ މިދަތުރުން ރައްޔިތުންނަށް އުފާވެރިކަން ލިބޭފަދަ ޚަބަރެއް ގެނެސްދެވުނު ބާވައެވެ. ހަމަ ޔަގީނުންވެސް އެއްކަމެއްގެ ވާހަކަ ބުނެލާނަމެވެ. މިބޭފުޅުން ބައްދަލު ކުރެއްވި އެއްވެސް މިނިސްޓަރެއް ނުވަތަ ގައުމުގެ އެންމެ މަތީ ވެރިއެއްގެ ފޮޓޯއެއް މިޒަމާނުގައި ސޯސަލް މީޑިއާއިން ފެންނަވަރެއް ނުވިއެވެ. މިޒަމާނަކީ ކަމެއް ދިމާވާއިރަށް ސޯސަލް މީޑިއާއަށް އަވަހަށް ފޮޓޯއެއް ލެވޭތޯ އަވަދިނެތި އުޅޭ ޒަމާނެކެވެ. އެކަމަކު ދިއްދޫ ކައުންސިލްގެ ޓީމަށް އަދި އެވަރު ނުވަނީސްތޯޗެކެވެ.
ބުނެވޭގޮތުގައި ސިޔާސީ ގޮތުން އަންނަ ހުރަސްތައްވެސް ހުރެއެވެ. އެއްބަޔަކު ސަރުކާރަށް ތާއިދު ކުރާއިރު އަނެއްބަޔަކު ތާއީދުކުރަނީ ކޮންމެވެސް އެހެން ބޭފުޅަކަށެވެ. އެހެންކަމުން މިފަދަ ހުރަސްތައް ހުންނާނެކަން ނުދަނެ ރައްޔިތުންގެ ކަންކަމާ ޙަވާލުވެގެން ތިބުމަކީ މޮޔަކަމެކޭ ބުނެވިދާނެއެވެ.
ރައްޔިތުންނަށް ކަންކަން ކޮށްދެން ބޭނުންވާ ބަޔަކު އަބަދުވެސް އުޅެންވާނީ ސަރުކާރާ އެއްބައި ވެގެންނެވެ. އެހެންނޫނީ ރިޔާ ފުރޮޅާ ވަގުތު ކުނބުދަށުވެ ފަރުމާން ތާށިވާހެން ތާށިވެދާނެއެވެ. ނަތީޖާއަކަށް ވާނީ އޮޑި ފުށުން ޖަހާފާނެއެވެ. މިފަހަރު މިވީ މިގޮތްކަމަށް ވުމާ ވަރަށް ގާތެވެ. އެހެން ރަށްރަށުގެ ކައުންސިލްތަކުން މާލެއަށް ކުރާ މިފަދަ ދަތުރުތަކުގެ ފޮޓޯތައް ސޯސަލް މީޑިއާއިން ފެނެއެވެ. އެވަރުވެސް ދިއްދޫ ކައުންސިލަށް މިފަހަރު ނުވިއެވެ.