ދިއްދޫގެ ކުނިއުކާލުން ހުއްޓުމަކަށް
ރައީސްކަމަށް އިބްރާހީމް މުޙައްމަދު ސާލިހު ހުވާކުރެއްވުމާއެކު ސަރުކާރު
ހިއްސާވާ ބައެއް ކުންފުނިތަކުގައި ކުރިން ތިއްބެވި ވެރިން އިސްތިއުފާދީ ދުރައް ހިގައްޖެއެވެ. އެހެންނަމަވެސް
ކުންފުނިތަކުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި ކުންފުނި ހިންގުމުގެ
މަސައްކަތް ކުރިއަށް އެބަދެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ޔާމިން ވެރިކަމުގައި
ކުންފުނިތަކުގައި މަސައްކަތްކުރަމުންއައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް
މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ވެރިކަން ބަދަލުވުމާއެކު
އަލުން ވަޒީފާ އެފަދަ ފަރާތްތަކަށް ހަމަޖައްސައި ދީފިއެވެ.
އެންމެކައިރިއަށް ބަލާލާއިރު
ދިއްދޫ އިންޖީނުގެއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދެއްވުމާއެކު
ތަނުގައި ނުތަނަވަސްކަން އުފެދި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދޭންފަށައިފިއެވެ.
މިކަމުގެ ސަބަބުން އެންމެފަހުން ރައްޔިތުންނަށް
ދެމުންދާ ކުނިއުކާލުމުގެ ޚިދުމަތަށް ބުރޫއަރައި ގޭގޭގައި ކުނިއިތުރުވެ ސަރުކާރަށް ފާޑުކިއުންތައް
އަމާޒުވާން ފަށައިފިއެވެ.
މައުލޫމާތު
ލިބޭގޮތުގައި އަލުން ވަޒީފާ ދިންމީހުން ޑިމާންޑުކުރަނީ އިންޖީނުގޭގައި ވަޒީފާ
އަދާކުރާ ޕީޕީއެމަށް ނިސްބަތްވާ ވެރިން އިސްތިއުފާ ދިނުމަށެވެ. އެހެންނަމަވެސް
ވެރިން ބުނަމުންދަނީ އެމީހުން އިސްތިއުފާ ދޭން ނުޖެހޭ ކަމަށާއި އެއީ ޑިމާންޑްކުރާ
މީހުންދިން ވަޒީފާއެއް ނޫންކަމަށާއި އެމީހުން ވަޒީފާއިން ވަކިކުރާނީ
ކުންފުނިންކަމަށެވެ.
ކުންފުނިތަކުގައި ވަޒީފާ އަދާކުރާ
މުވައްޒަފުންގެ މެދުގައި ޖެހޭމިފަދަ މައްސަލަތައް ހައްލުނުކުރެވި އާޚިރުގައި
ގެއްލުންމިވަނީ ރައްޔިތުންނަށެވެ. މާޒީގައި ފެނިފައިވަނީ ކުންފުނިތަކަށް ކޮންމެ
ސަރުކާރަކުންވެސް ނުފޫޒު ފޯރުވާފައިވާ މަންޒަރެވެ. އެހެންކަމުން މިކަން
ހުއްޓުމަކަށްގެނެސް ކުންފުނިތަކާބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނާ މެދު
އަމަލުކުރާނެ ގަވާއިދެއްހަދައި ހަރުދަނާ ވަޒީފާގެ އެއްބަސް ވުމެއް އޮންނަން
އެބަޖެހެއެވެ. ވަޒީފާގެ މާހައުލުގައި ސްލޫކީ މިންގަޑެއް އޮންނަން އެބަޖެހެއެވެ،
ހިތައްއެރި ގޮތަކަށް މުވައްޒަފުންނަށް އުޅެވޭނަމަ ދުވަހަކުވެސް މިފަދަ ކަންކަން ހައްލަކަށް
ނާންނާނެއެވެ.