އިންތިޚާބީ ރައީސާމެދު ރައްޔިތުންކުރާ އުންމީދު
23 ސެޕްޓެމްބަރ
2018 ވީ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ބޮޑު
ތާއީދާއެކު ކާމިޔާބު ހޯއްދެވި އިދިކޮޅު ކޯލިސަނުގެ ކެންޑިޑޭޓް އިބްރާހީމް
މުހައްމަދު ސޯލިހަށް މި ޕޭޖްގެ ފަރާތުން ތަހުނިޔާ ފޮނުވަމެވެ.
ރައްޔިތުން މަނިކުފާނު އިންތިހާބުކުރެއްވި
ވަރަށް ފޮނި އުއްމީދެއްގައެވެ. އެއީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި
އިންސާފު ގާއިމުކޮށް ދިނުމުގެ އުއްމީދެވެ. ކޮރަޕްސަނާ ދެކޮޅަށް ނޫނެކޭ ބުނުމުގެ
އުއްމީދެވެ. މި އިންތިހާބުން ހާމަވެގެން ދިޔައީ ތަރައްގީއަށްވުރެ ބޮޑަށް
ކޮރަޕްސަނާއި ހަމަހަމަކަމާއެކު ރައްޔިތުންނާމެދު ކަންކަން ނުކުރެވުމުން ރައްޔިތުން
ނިކުމެ ރައީސް ޔާމީނަށް ނޫނެކޭ ބުނުމުވެ.
އަލަށް އިންތިޚާބުވި ރައީސްގެ
ވާޖިބަކަށް ވާންވާނީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީންގެ އަހުލުވެރި
ބައެއްކަމަށްވާތީ ދީނީ ކަންކަމަށް އިސްކަން ދިނުމާއެކު ގައުމުގެ މަސްލަހަތު
އިސްކޮށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމެވެ. ކޮރަޕްސަނުގެ ކަންކަން
މަނިކުފާނުގެ ސަރުކާރުގެ ތެރެއިން ފެނިގެން ނުވާނެއެވެ. އެފަދަ ކަމެއް
ފެނިއްޖެނަމަ އެކަންހުއްޓުވާ އެކަންކުރި ބަޔަކާމެދު އަދުލު އިންސާފު ގާއިމުކުރަން
ޖެހޭނެއެވެ.
މަސްތުވާ ތަކެއްޗާމެދު
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދޭ އެއްވެސް ބަޔަކަށް ސަރުކާރުގެ އިސް
މަގާމުތައް ދީގެންނުވާނެއެވެ. އެކަން އެގޮތަށް ކުރައްވައިފިނަމަ ރައްޔިތުންގެ
ފާޑުކިއުން މަނިކުފާނަށް އަމާޒުކުރާނެއެވެ.
ދައުލަތަށް ލިބޭ އާމްދާނީއާއި
ރައްޔިތުންދައްކާ ޓެކްސް ފައިސާއިން މިހާރު ފަށާފައިވާ މަސްރޫއުތައް ހިންގޭނެފަދަ
ގާބިލްބަޔަކު އިސްކޮށް އެކަންތައް ނުހުއްޓި ކުރިއަށް ދެވޭނެގޮތް މަނިކުފާނުގެ ބެއްލެވުމުގެދަށުން
ހަމަޖައްސަވަން ވާނެއެވެ. ސިއްޙީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި
ފަހަތަށް ސޮއްސާލައިގެން ނުވާނެއެވެ. މިހާރު ލިބެންހުރި ޚިދުމަތް އިތުރަށް
ތަރައްގީ ކުރެވޭތޯ މަސައްކަތް ކުރައްވަންވާނެއެވެ. މިއީ ރައްޔިތުންގެ
އުއްމީދުތަކެވެ.