ރައްޔިތުންގެ މުސްތަގުބަލް ނިންމާނީ ރައްޔިތުން
ކުރިމަތިވެ ބޯބަތިވަމުން އަންނަނީ ރިޔާސީ އިންތިޚާބެވެ. ވޯޓްނަގަން އެންމެ 3
ދުވަހަށްވީއެވެ. ރައްޔިތުންގެ ވެރިޔަކަށް ގެންނާނީ ކާކުތޯ ކަނޑައެޅުމުގެ
އިޚްތިޔާރު އަނެއްކާވެސް ރައްޔިތުންނަށް ލިބުނީއެވެ. ކޮންމެ ފަސްއަހަރަކުން އެއްފަހަރު
ރައްޔިތުންނަށް މިބާރު އެބަލިބެއެވެ.
ގާނޫނުގައި ކަނޑައެޅިގެން
އެވެނިކަމެއް މިވެނިގޮތަކަށް ކުރުމަށް އަންގާފައި އޮތްނަމަވެސް ގިނަކަންކަން ދަނީ
އެގޮތަކަށް ނޫނޭ ހީވާފަހަރު މިހާރު މަދެއްނޫނެވެ. އެހެންނަމަވެސް ރައީސަކުހޮވުން
އެހެނެއް ނެހެދޭނެއެވެ. އިންތިހާބު ބާއްވަންޖެހޭ މުއްދަތުގައި އިންތިޚާބު ބާއްވަން
ޖެހޭނެއެވެ.
ރައްޔިތުންގެ އަތްމައްޗަށް މިބާރު
އަންނަހިދު ވިސްނުން ގެންގުޅެންވާނީ އަބަދުވެސް މާޒީން އިބުރަތް ހޯދައިގެން
މުސްތަގުބަލް ބިނާކުރުމުގެ ރޫހެވެ. ތިމާގެ ފިކުރަކީ ގައުމަށް ހެޔޮއެދޭ ގައުމުގެ
މުސްތަގުބަލް ބިނާކުރާ ފިކުރަކަށް ވާންވާނެއެވެ. ރައްޔިތުން އަމިއްލައަށް މި
ނިންމުން ނިންމާއިރު މީގެކުރިން ގައުމުގެ ކަންކަން ގޮސްފައިވާ ދޯހަޅިގޮތް
ހަދުމަކުރަން ވާނެއެވެ.
އިއްޔެ އިވުނު އަޑެއްހެން ނުވަތަ
ފެނުނު މަންޒަރެއްހެން ހަނދާނުގައި އެބަހުރި ރާއްޖޭގެ ގައުމީ އެއަރޕޯޓަށް ނުވަތަ
ދިވެހިންގެ ''މައި ދޮރޯޓަށް'' ވެގެން ދިޔަގޮތް، ރާއްޖޭގެ
ކުންފުނިތަކަށް ނުހިންގިގެނެއްނޫން ބޭރުބަޔަކާ އެއަރޕޯޓް ހަވާލުކުރީކީ. އަދި
ވިޔަފާރި ކުންފުނިތަކުގައި އޮތް ދިވެހިންގެ ހިއްސާ ބޭރަށް ވިއްކާލީކީ، މިއީ
އަބަދުވެސް ވިސްނުމުގައި ބަހައްޓަންވީ ކަންކަން. މިކަމާ ދޭތެރޭގައި ފުންކޮށް
ނުވިސްނައިފިނަމަ އާޚިރުގައި އަނެއްކާވެސް މިފަދަ ހިތިރަހަ އަޅުގަނޑުމެންގެ
އަރުބުޑުގައި ލައްވާލުމަކީ ދުރުގައި އޮތްކަމެއްނޫން.
ރާއްޖޭގެ ގައުމީ ވައިގެ ބަނދަރަކީ
މިސަރަހައްދުގައި ސްރީލަންކާ ނަގާފަ އެންމެ ބާރުބޮޑު ވައިގެ ބަދަރު. އެއީ އާމްދަނީ
ލިބެމުންދާ މައިދޮރު. އެދޮރުގެ ދޮރުވާނުކަން ބޭރުބަޔަކާ ހަވާލުކުރުމަކީ ހެޔޮވާވާރު
ކަމެއްނޫން. އެބައިމީހުން އެތިބީ އެދުވަހަކަށް އިންތިޒާރުކޮށްގެން ކެތްމަދުވެފަ.
ރައްޔިތުންގެ މުސްތަގުބަލް ނިންމާނީ ވިސްނުންތެރިކަމާއެކު ރައްޔިތުން.