Thursday, August 16, 2018

Eyru kee sanaa mihaaru furahsaara.

އޭރުކިޔަނީ ސަނާ މިހާރު ކުރަނީ ފުރައްސާރަ



ދުނިޔެ ދައްކަމުންދާ ހަގީގަތަކީ އެއްދުވަހު އުފަލެވެ. އަނެއްދުވަހު ހިތްހަމަ ނުޖެހުމެވެ. ނުވަތަ ހިތާމައެވެ. އުފާވެރިކަން ލިބޭހިނދު އުފާވެރިކަން ލިބުނީ މިވެނި މީހެއްގެ ފުށުންކަމަށް ވާނަމަ އޭނާއަށްވުރެ ރަނގަޅު މީހަކު ނުހުންނާނެއެވެ. އޭނާއަށް ނުކުރާ ތައުރީފެއް ނުހުންނާނެއެވެ. އެއީ ވަޒީފާ އެއް ލިބުންކަމުގައި ވިޔަސް އަދި ހަދިޔާއެއް ލިބުން ކަމުގައި ވިޔަސް ހެވެ. 

މިގޮތުން ހިތްހަމަ ޖެހުނީ ވެރިއެއްގެ ފަރާތުންކަމަށް ވާނަމަ އެ ވެރިއަކަށްވުރެ އެންމެ ހިތްހަމަޖެހޭ ވެރިއެއްވެސް ނުހުންނާނެއެވެ. އެހެންނަމަވެސް އެއްކަލަ ވެރިމީހާގެ ކިބައިން ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރި ވެއްޖެނަމަ އެ ވެރިއަކަށްވުރެ ނުބައި މީހަކު ނުހުންނާނެއެވެ. ބައެއް މީހުން މިކަން އަމިއްލައަށް ފާޅުނުކޮށް ހިންދާލައިގެން ހުރެދާނެއެވެ. އެހެނަސް އެތެރޭގައި އަނދަމުން ދާނެއެވެ.
ނިކަން ވިސްނަވާށެވެ. މީގެ އެތަކެއް އަހަރުކުރިއެވެ. ވެރިއެކެވެ. 

ކަންހިގަމުން އަންނަގޮތަކީ ކޮންމެ 5 އަހަރަކުން އެއްފަހަރު ވެރިއަކު ހޮވުމެވެ. އޭރު ގިނަބަޔަކަށް ނުވިސްނުނަސް ސިޔާސީ ގޭމް ކުޅެއެވެ. އެއީ އަބަދުވެސް ކުޅޭނެ ގޭމެކެވެ. އޭރުގެ ސަގާފަތަކީ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ވެރިއެއްނަމަވެސް ސިޔާސީ ވަގުތު ޖެހުނީމާ ވަޒީފާއިން ވަކިކުރުމެވެ. ރައްޔިތުންގެ ޝަކުވާ އަޑުއަހާފައެވެ. އެއްފަހަރަށްވުރެ ގިނަފަހަރު މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ކަންމިހެން ދިމާވުމުން އެވަގުތު ހިތްހަމަ ނުޖެހުން ފާޅުނުކުރިޔަސް މިހާރު ފާޅުގައި އެ ވެރިއަކާމެދު ހިތްހަމަނުޖެހުމުގެ ބަސްތަކާއި ޝުއޫރުތައް ފާޅުކުރެއެވެ. އެކިމީހުންގެ ފާޅުކުރުން ހުންނާނީ އެކި ބަހުރުވައިންނެވެ. އެއީ އެމީހާގެ ކުޅަދާނަކަމެކޭވެސް ބުނެވިދާނެއެވެ. އެހެނީ އޭނާއަށް އެގޮތް މެދުވެރި ކުރުވި ވެރިމީހާ މިއަދުވަނީ އެންމެ އާދައިގެ މީހާއަށްވުރެ ނިކަމެތި ވެފައެވެ. އިންސާނީ ތަބީއަތަކީ ވަގުތު ލިބުނީމާ ވަގުތުގެ ބޭނުން ހިފުމެވެ. އޭރު ކީ ސަނާއެވެ. މިހާރު އެއަށްވުރެ ނުބައި އިންސާނަކު ނެތެވެ.