Saturday, August 11, 2018

Faisaa negumah ufulaa thakuleef

ފައިސާނެގުމަށް ރައްޔިތުން އުފަލަމުންދާ ތަކުލީފު







ހއ. އަތޮޅަކީ ރާއްޖޭގެ އާބާދީގެ ގޮތުން އެންމެ ބައިގިނަ އަތޮޅުތަކުގެ ތެރެއިން 4 ވަނާގައި ފައިހަމަ ކުރަމުން އަންނަ އަތޮޅެކެވެ. އެއަތޮޅުގެ ވެރިކަންކުރާ ރަށް ދިއްދޫއަކީ އަތޮޅުގެ ބައިގިނަ ރަށްވެސް މެއެވެ.

ހއ.އަތޮޅުގެ އާބާދީއަށް ބަލާއިރު އެންމެ މީހުންގިނަ ސަރަހައްދަކީ ދިއްދޫ ހިމެނޭ ސަރަހައްދެވެ. އެސަރަހައްދުގައި ބޭންކްގެ ޚިދުމަތް ލިބެންހުންނަނީ ދިއްދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ބްރާންޗުންނެވެ.

ފަހަކަށްއައިސް އާންމުރައްޔިތުން ފައިސާ ނަގަން މިޖެހެނީ އޭޓީއެމްތަކުންނެވެ. އެއީ ފަސޭހަވެސް ޚިދުމަތެކެވެ. ނަމަވެސް އެ ޚިދުމަތުގެ ފަސޭހަކަން މިވަނީ ބޮޑު އުނދަގުލަކާއި ހިތްދަތި ކަމަކަށް ބަދަލުވެފައެވެ. އަޅުގަނޑު މިވާހަކަ މިގޮތަށް މިދަންނަވަނީ މި ދެންނެވި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ފައިސާ ނެގުމަށް އުފުލަމުން ގެންދާ ތަކުލީފުތައް ލޮލަށް ފެނިގެންނެވެ.

އަޅުގަނޑު އެންމެ ކަންބޮޑުވަނީ ހަފުތާގެ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހަކީ ފެރީއަންނަ ދުވަސްކަމަށް ވެފައި ހަމައެކަނި ދިއްދޫގައި ހުންނަ އެންމެ އޭޓީއެމަކުން އެތައް ބައިވަރު މީހުން ފައިސާ ނެގުމަށް އޮންނަ ކިޔޫ ދިގުވެފައި ރަތްދަކަ އަވީގައި ކުދި ދަރިން ގޮވައިގެން ރައްޔިތުން ތެޅޭ މަންޒަރު ފެނިފައެވެ.

މިފަދަ ހާލަތެއްގައި އެންމެ އޭޓީއެމަކުން ޚިދުމަތްދޭތީ، އިތުރު އޭޓީއެމެއް ބެހެއްޓޭތޯ ދިއްދޫ ބްރާންޗުންނާއި ޢާންމުން ކުރަމުންދާ މަސައްކަތްވަނީ ބިލާހަކަށް ވެފައެވެ. އެއްވެސް ކުރިއެރުމެއް ނެތެވެ. ބޭންކްގެ ޚިދުމަތާއި އޭޓީއެމް އިތުރުކުރުންވެސް މިވަނީ މިހާރު ސިޔާސީ އިސްމީހުންގެ އަތްމަތީގައެވެ.

ދިވެހި ބޭންކަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ޕަބްލިކް ބޭންކެވެ. އެހެންނަމަވެސް ޕަބްލިކަށް ލިބިގެންދާ ދަތިކަން ހައްލުކޮށް ދިނުމުގެ ގާބިލްކަން ބޭންކުގައި ވަކި ރަށަކަށްވީމަ ނެތުމަކީ ވަރަށް ދެރަކަމެކެވެ. ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ޚުދު ދިއްދޫ ބޭންކުންވެސް މިކަމަށް ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އަދި ވަގުތު ނުޖެނިއޭޔޯލައެވެ.