ދިއްދޫގެ ފަހުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު އެންމެބޮޑު ތަރައްޤީއެއް ދިއްދުއަށް ގެނެސްދިން ރައީސަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ތަރައްޤީގެ ސިޔާސަތުގެ ސަބަބުން ގިނަބަޔަކަށް ފަސޭހަކަމާއެކު އެއްގަމުން ދަތުރު ފަތުރު ކުރެވުމާއި ސާފުބޯފެން ލިބުމުގެ މަގުފަހިވެގެން ހިގައްޖެއެވެ. ދިއްދޫގެ އެންމެބޮޑު މައްސަލަކަމަށްވާ ތިމާވެށީގެ މައްސަލަތަކަށް ހައްލުލިބި ހުޅަގުފަރާތުން ގިރާ ސަރަހައްދުގެ ބޮޑުބައެއްގައި ހިލަ ޖަހައި ރައްކާތެރި ކޮށްދީފިއެވެ.
ރައީސް ޔާމީނަކީ ރާއްޖެ ތަރައްގީ ކުރުމުގައި އެންމެ އެކަށީގެންވާ ވެރިއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހުސްއެކަނި މާލެއަށް ނުވަތަ ހުޅުމާލެއަށް ބެލިނަމަވެސް ފެންނާނީ ޔާމީންގެ ތަރައްގީއެވެ. މާލޭގެ އިރުމަތީ ފަރާތުން ބޮޑުތަކުރުފާނު މަގަށް ބެލިނަމަވެސް ހުޅުމާލެއާއި ހުޅުލެއަށް އަރާ ބުރުޖާއި ހައިވޭގައި ދަތުރު ކޮށްލުމުގެ އުފާވެރިކަން ލިބުމުން މިކަން ހާމަވެއެވެ.
ދިއްދޫގެ ތަރައްގީއަށް މީގެކުރިންވެސް އާބޮޅެއް އިތުރުވިއެވެ. އެއީ ބިންހިއްކުމެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ދިއްދޫގައި 34 ހެކްޓަރުގެ ބިމެއް ހިއްކިއެވެ. އެތަނުގައި ގެދޮރުއަޅާ ތަރައްގީ ކުރެވިފައިވަނީ ރައީސް ވަހީދުގެ ރައީސްކަމުގައެވެ. އެތަނުގައި އިމާރާތްކުރި ފުލެޓްތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ނިންމާފައޮތް ނިންމުމެއްގެ ދަށުން ދައްޕަރު ކުއްޔަށް ދީގެން ހިންގުނު ޕްރޮޖެކްޓެއްގެ ތެރެއިން ނޫމަޑިމީހުން ލައްފާ އިމާރާތްކޮށްފައިވާ ފުލެޓްތަކެކެވެ. ބިންގާ އަޅައިދިނީ ޑޮކްޓަރ މުއިއްޒެވެ. މުއިއްޒަކީ އޭރު ހައުސިންގ މިނިސްޓަރެވެ.
ސުވާލަކީ މިހާރުގެ ސަރުކާރުން ދިއްދޫ
ތަރައްޤީގެ އަމާޒަކަށް އޮތީ ކޮންކަމެއް ބާވައެވެ. މިހާރު ކުރަންވެސް މުހިއްމު
ކިތަންމެ ކަމެއް އެބަހުއްޓެވެ. އޭގެތެރޭގައި ހިއްކި ސަރަހައްދުގައި މިސްކިތެއް
އަޅައި ދިނުމަކީ މަޖުބޫރު ވެފައިވާ ކަމެކެވެ. ބަނދަރު ބޭނުންކުރާ މީހުން ގިނަވެ
ބަދަރު ކުޑަވެއްޖެއެވެ. ބަދަރު ބޮޑުކުރުމުގެ މުހިންމުކަން އެހާމެ ބޮޑެވެ. އަތޮޅު
ހޮސްޕިޓަލްގެ އިމާރާތްކުޑަވެ މަރާމާތަށް ބޭނުން ވެއްޖެއެވެ.
ވިއްސާރަ ވެއްޖެނަމަ ބަދަރުމަތީގައި ހިނގާ ނޫޅެވޭ ވަރަށް ފެންބޮޑުވެ ދުއްވަން އެހާ ދައްޗެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމެއްގެ ކޮޅުމަތި ފެންނާނެ ދުވަހެއް އަދި ނޭގެއެވެ. ހޮސްޕިޓަލް އިމާރާތް ކުރުމަށް ބިޑަށް ހުޅުވާލިކަން ހަނދާން އެބަހުއްޓެވެ. ނަމަވެސް ފެށޭނެ ދުވަހެއް ނޭގި ދުވަސްތައް މިހިރަ ދަނީއެވެ. ދިއްދޫގެ ބޯޅަދަޑަކީ ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓެއް އެކިސަބަބުތައް ހުރުގެން ނުފެށިއޮތް ޕްރޮޖެކްޓެވެ. އެވާހަކަ ދައްކާކަށް ނެތީމެވެ. ނަމަވެސް އުއްމީދުގައި މި ތިބެނީއެވެ. ބުނެވޭގޮތުގައި އަދި ބާކީ 3 އަހަރު އެބައޮތެވެ.