އަތޮޅު ފިހާރަތައް ވުޖޫދަށް އައިގޮތުގެ
ފެށުން (2)
އަތޮޅު ފިހާރަތައް ޢިމާރާތްކުރުމުގެ މަސައްކަތް ފެށުނީ ފުރަތަމަ ބާ ޓިނުންނާއި ގޯންޏާއި ދަނޑިންނާއި ވަކަރު ބޭނުންކޮށްގެން ހަވީރީ ހިނގުމުން ފެށިގެން ގޮނޑުދޮށަށްވާގޮތަށެވެ. އަތޮޅު ފިހާރަތައް އެފެދުމާއެކު ސަރުކާރުން ފޮނުއްވާ ލިއުންތަކުގައި ސޮއިކުރައްވާފައި ހުންނަނީ އޭރުގެ ވަޒީރުއް ދާޚިލިއްޔާ އިބްރާހީމް ރަޝީދެވެ. މިގޮތުން ސަރުކާރުން ފޮނުއްވި ލިއުއްވުމެއްގައި އަންގަވާފައިވަނީ ކޮންމެ އަތޮޅު ފިހާރައެއް ޢިމާރާތްކުރުމަށް ކަނޑައަޅުއްވާފައިވަނީ ފަންސަވީސް ހާސް ރުފިޔާއަށް ކަމަށެވެ. މިފައިސާ ދެއްވިއިރު ފައިސާ ދެއްވި ގޮތެއް ނާންގަވައެވެ.
ފަހުން އަތޮޅު ފިހާރަތަކުގައި ސަރުކާރުން ބައިވެރިވެ ވަޑައިގަތަސް ފައިސާ ދެއްވިއިރު އެކަމަށް އަލިއަޅުވާ ނުލައްވައެވެ. ފައިސާއިން ފިހާރަ ނިންމަންވާނެކަމާއި އެފައިސާއިން ފިހާރަ ނުނިންމި ފިހާރައެއްގެ މެނޭޖަރު، މެނޭޖަރުކަމުން ވަކިކުރާނެ ކަމަށްވެސް އެލިއުމުގައި އަންގާފައިވެއެވެ. މިލިއުން އަތޮޅު ފިހާރަތަކަށް ލިބުނުއިރުވެސް ކުރީގައި އަޅާފައިވާ ފިހާރަތަކުގައި ދަނީ ވިޔަފާރި ކުރަމުންނެވެ.
އަތޮޅު ފިހާރަތައް ހިނގަމުންދަނީ ސަރުކާރުން ދެއްވާ ލަފަޔާ އިރުޝާދުގެ މަތިންނެވެ. އޮޑިޓަރުން ސަރުކާރުން އައްޔަން ކުރެއްވިނަމަވެސް އޮޑިޓަރަށް މުސާރަ ދެނީ އަތޮޅު ފިހާރަތަކުންނެވެ. ކުރީގައި ރައްޔިތުންގެ ބޮޑު އިސްޓޯރު ފަހަކަށް އައިސް ސަރުކާރު ބޮޑު އިސްޓޯރަކީ އެދުވަސްވަރު ސަރުކާރު ހިމެނޭ ހުރިހާ ދާއިރާތަކުގެ ފައިސާ ރައްކާކުރާ ތަނެވެ.
އަތޮޅު ފިހާރަތަކުގެ ފައިސާވެސް ދައްކަނީ އެތަނަށެވެ. އެތާގައި ދެ އެކައުންޓެއް އަތޮޅު ފިހާރަތަކުގެ ނަމުގައި ހުޅުވުނެވެ. އެއީ އާންމުކޮށް ލިބޭ ފައިސާ ޖަމާކުރާ ނަގާ އެކައުންޓަކާއި ފައިދާއަށް ލިބޭ ފައިސާ ޖަމާކުރާ އެކައުންޓެވެ. އަތޮޅު ފިހާރަތަކުގެ ވިޔަފާރި އުފައްދާކަށް ސަރުކާރުން ކެޕިޓަލެއް ނުދެއްވައެވެ. އެދުވަސްވަރަކީ އަތޮޅުތަކުގައި އަތޮޅުވެރިކަންކުރާ ރަށުގައި އަތޮޅު ރައްޔިތުންގެ ނަމުގައި ވިޔަފާރިކުރި ދުވަސްވަރެކެވެ.
އަދި ރަށްރަށުގައި އަމީންދީދީގެ ވަލިއްޔުލް އަމުރުކަމާއި ވަޒީރުއްދާޚިލިއްޔާކަމުގެ ދުވަސްވަރު އުފައްދާފައިވާ ކާޑުގެތައް އުވާލައި އެތަންތާގައި ހުރި ފައިސާކޮޅު އަތޮޅު އޮފީސްތަކުން ރަށްރަށަށް މީހުން ފޮނުވައިގެން ގެންނަވާ އެފައިސާތައްވެސް މާލެ ފޮނުވައި ބޮޑު އިސްޓޯރުގައި ޖަމާކުރި ދުވަސްވަރުކަމަށް ވީއިރު އެފައިސާއިން އަތޮޅު ފިހާރަތަކަށް ފައިސާ ދޫކުރެވިކަމަށް ބެލެވިދާނެއެވެ. އަތޮޅު ފިހާރަތަކުގެ ކެޕިޓަލަކީ ވަކި އަދަދެއްކަމަށް ކުރީގައި ހަމަޖައްސާފައެއް ނުވެއެވެ. (ނުނިމޭ)