Thursday, November 28, 2019

Natheeja eh nufenunas Magaamugai hurevidhaane




ރަށުކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ސަބަބުން ރައްޔިތުންގެ ހިނިތުންވުން ހުރީ ކިހާ ވަރަކަށްތޯ ބަލާ ދިރާސާއެއް ހަދަން އެބަޖެހެއެވެ. ރައްޔިތަކު ހިދުމަތް ހޯދުމަށް ދިއުމުން ރައްޔިތު މީހާ ތަކުލީފު އުފުލަން ނުޖެހޭގޮތަކަށް ކަންކަން ރޭވިފައި ހުންނަން އެބަޖެހެއެވެ. މައްސަލައެއް ހުށައެޅިޔަސް އަދި ހިދުމަތެއް ހޯދަން ދިޔަސް އެކަން ނިމޭނެ ދުވަހެއް ބުނަން އެބަޖެހެއެވެ. އަދި އަވަހަށް ކަމަކަށްއެދި ހުށައަޅާފިނަމަ ކަމުގެ ސީރިޔަސްކަމާއި މުހިންމުކަމަށް ދެކިގެން އަވަސްކޮށްދެން އެބަޖެހެއެވެ. 

ބައެއް ކައުންސިލްތަކުން މުވައްޒަފުން މަދުކަމަށްބުނެ ބަހަނާ ދައްކައި ރައްޔިތު މީހާ އެދޭގޮތްނޫން އެހެން ކޮންމެވެސް ވާހަކައެއް ދައްކަލައިގެން ފަރުޖެހޭތޯ ބަލައެވެ. މިއީ ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބަޔަކު ދައްކަންޖެހޭނެ ވާހަކައެއް ނޫނެވެ. މުވައްޒަފުން މަދުވެގެން ނޫނީ ސަލާމުގައި ހުރުން އެއީ ހިދުމަތް ހޯދަންދާ މީހާގެ މައްސަލައެއް ނޫނެވެ. އިދާރީ މައްސަލަތައް ހައްލުކޮށް ފަސޭހައިން ހިދުމަތް ދެވޭނެގޮތް ރޭވުމަކީ އޮފީސްތަކުގެ ކަމެކެވެ. ކައުންސިލަރު ކިޔަސް އިދާރީ މުވައްޒަފުން ކިޔަސް އެއީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެދިގެން އައިސްތިބި ރައްޔިތުންގެ ހާދިމުންނެވެ.

މިޒަމާނަކީ ކޮންމެ މަސައްކަތެއްވެސް އެގެންޖެހޭނެ ޒަމާނެކެވެ. އޮފީހުން ދެވޭ ހިދުމަތްތައް ވަކި މީހަކު ނެތިގެން ދެވޭނެގޮތް ނެތުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެކެވެ. ޒިންމާދާރު ވެރިންނަކީ ކަންކަން ފަސޭހައިން ކުރެވޭނެގޮތް ރާވައި، ހިންގުމުގެ ފަންނުގައި މުވައްޒަފުން އަހުލުވެރި ކުރުވަންޖެހޭ ބައެކެވެ. ކަންކަން ބޮއްސުން ލައިގެންދާން ވާނެގޮތެއްވާން ދޫކޮށްލުމަކީ ގަޔަށް ފަސޭހަކުރުން ނޫން އެހެން ކޮންކަމެއް ހެއްޔެވެ. 

ބުރަ މަސައްކަތުން ނޫނީ ނަތީޖާއެއް ނުނެރެވޭނެއެވެ. ވަޒީފާ އަދާކުރެވިދާނެއެވެ. މާދަމާ ވަޒީފާ ދޫކޮށްލާފަ ދާއިރު ކުރެވުނު ކަމެއް ދައްކާލަކަށް ނޯންނާނެއެވެ.